ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ ﷲގެ މަގުގައި ކުރެވޭ ޞަދަޤާތެއް ކަމަށާއި، ފުރާނައަކަށް ދިރުން ދިނުމަށްޓަކައި ކުރެވޭ ޤުރުބާނީއެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "އެކަކު އަނެކަކަށް އެހީތެރިވުން"، މިއެވެ.
މިގޮތުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢުގައި ދިރިއުޅެމުންދާ އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހުންނަށް އެހީތެރިވާން ޖެހޭ ކަމަށާއި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހޭ ކަމަށެވެ. އެގޮތުން އަހަރެމެންގެ ތެރޭގައި އުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމު ކުދިންނާއި، އަޅާލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަންޖެހޭ ކަމަށާއި، އެ ކުދިންނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.
"ޚާއްޞަ ގޮތެއްގައި އެ ކުދިންގެ ތެރޭގައި އަހަރެމެންގެ އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭންޖެހޭ ކުދިންތަކެއް އެބަތިބި. އެ ކުދިންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާންޖެހޭ. ޙާލުގެ ދުލުން މިއަދު އެ ކުދިން ގޮވަމުން އެދަނީ އަހަރެމެންގެ އެހީތެރިކަމަށް. އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އިންތިޒާރު ކުރަމުންދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް. އެއީ ތެލަސީމިޔާ ކުދިން. ނުވަތަ ލޭއަޅަން ޖެހިފައިވާ ކުދިން. އެ ކުދިންނަކީވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައި"، ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް ކަމަށެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި މި ގުނަވަންވެސް ހިއްސާވާންޖެހޭ ކަމަށާއި، މިއީ މުސްލިމުންގެ މިސާލު ކަމަށާއި، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާކަން ކަމަށެވެ.
އެހެންކަމުން، ކޮންމެ މީހަކުވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ އޭނާގެ މައްޗަށް ވާ ދީނީ ވާޖިބެއް ކަމަށާއި، އެފަދަ މީހަކަށް ﷲ ގެ ރުއްސެވުމާއި މަދަދު ލިބިގެންވާ ކަމުގައިވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން