މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް”ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.
ކަރެކްޝަންސް އިން ބުނީ މިއީ ޤައިދީންގެ ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕޮރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެއް ކަމަށެވެ.
މި މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދަޢުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެފައިވެއެވެ. މިއީވެސް ދިވެހި ތާރީޚުގައި އަލަށް ކުރެވިފައިވާ ކަމެކެވެ.
މިގޮތުން މި މެޗުގައި ބައިވެރިވި ވަޒީރުންނާއި އިސް ބޭފުޅުންގެ ތެރޭގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛް އަޙްމަދު އުޝާމް، މިނިސްޓަރ އޮފް ހޮމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޘިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު ޢަލީ ޙަބީބް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މި އިވެންޓްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ އިނާމް ދީފައިވާއިރު، ޤައިދީންނާ އެކު ވަރަށް އެކުވެރި މާހައުލެއް ގާއިމްކޮށް، ވަޒީރުންނާއި ކަރެކްޝަނަސްގެ އިސްވެރިން ވަގުތު ހޭދަކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ހާމަކުރެއެވެ.
15 ވަރަކަށް ދުވަހަށް ދެމިގެން ދިޔަ މި މުބާރަތާ ބެހޭ ގޮތުން ގައިދީން ހާމަކުރި ޝުއޫރު ތަކުތެރޭ މިކަން އިތުރަށް ފުޅާކޮށްދިނުމަށް އެދިފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި މިއީ ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަޖެހޭ ފުރުސަތެއްކަމަށާއި، މިފަދަ ޕޮރޮގްރާމް ތަކުން އެމީހުން ރަނގަޅުވުމުގެ ވަރަށް އުއްމީދުތަކެއް އާވާކަމަށާއި، ހިތްވަރު ލިބޭކަން ހާމަކޮށްފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
މި މުބާރާތުގެ ފައިނަލް މެޗް ބަލައިލުމަށް، ބައެއް ގައިދީންގެ ޢާއިލާތަކުންވެސް ޒިޔާރަތްކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން