ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހުރިއްޔާ ފޮނުއްވި ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 12 ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައިސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށެވެ.
މި ދެބޭފުޅުންވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ޖަލްސާގައަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
މި ލިޔުން ކިޔާލުމުން