މޫސުން ގޯސްވުމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިގޮތުން ފުލުހުން ވަނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އަންނިވި ކަންތައްތަކަށް ސަމާލުވުމަށް އެދިފައެވެ.
- ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން.
- ވިއްސާރައިގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުން.
- ވަޔައެކު ހަލާކު ނުވާނެފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން.
- ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުން.
- މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
- ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން.
މީގެ އިތުރުން، ކަނޑު ދަތުރުފަތުރު ކުރާއިރު އަންނަނިވި ކަންކަމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
- މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް ޢަމަލުކުރުން.
- އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަޤީންކުރުން.
- އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން.
- ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން.
- އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުން.
- އެމަރޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނޭހެން އުޅަނދުގައި ބެހެއްޓުން.
އަދި، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ބަލައި ގޯތިގެދުރާއި މުދާ ރައްކާތެރިކުރުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
- ގެއަށް ފެން ނުވަންނާނޭހެން ދުރާލައި ވެލިބަސްތާ ޖެހުން.
- ފެން ބޮޑުވެފައިވާ މަގުތަކުގައި ސައިކަލު ދުއްވާއިރު، ތިމާއާއި އަނެކާގެ ސަލާމަތަށް ސަމާލުކަން ދިނުން.
- ވާރޭވެހި ފެންބޮޑުވެފައިވާ ވަގުތުތަކުގައި ބަރު އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުން.
- އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކުގައި ވެހިކަލް ޕާކުކުރުމަށް ސަމާލުކަން ދިނުން.
ކުރިއަށް މިއޮތީ އަޟްޙާ ޢީދު ކަމަށްވުމާއެކު، ޢީދާ ދިމާކޮށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން