ނަމްބަރު އައިނު ހައްދަން އާސަންދަ ދޭ ކަވަރޭޖް 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވިދާޅުވެފައި ވަނީ މާދަމާ އިން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000ރ. ލިބޭނެ ގޮތް ހަދަން އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކޮށްދިނުމަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ. އެކަން ކުރެވޭނެ ގޮތްތަކެއް ބެއްލެވުމަށްފަހު އަންނަ ޖޫން މަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާގެ އެހީގެ ބަދަލުގައި 2000 ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އާސަންދައިގެ އަގަށް ބަދަލު ގެނައުމުން ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކަށަވަރު ކުރުމަށް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފަށަން ނިންމަވާފައިވާާ ކަމަށާއި އެއަށްފަހު، ޕްރައިވެޓް ވިޔަފާރިތަކަށްވެސް ކޮލިޓީ ރަނގަޅު އައިނު ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ޤައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން