Monday, November 9
އީދު ޗުއްޓީ އާއި ދިމާކޮށް ލިބޭ ރަސްމީ 3 ދުވަސް ބަނދު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން: ރައީސް

އަޟްހާ ޢިދުގެ މުނާސަބަތުގައި ލިބޭ ބަންދު ދުވަސްތަކާއި ދިމާކޮށް އެހަފްތާގެ ރަސްމީ 3 ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އަޟްޙާ ޢީދާއި ގުޅިގެން ބަންދުވާނީ ކަލަންޑަރުގައިވާ ދުވަސްތައް އެކަނިކަމަށް ސަރުކާރުން ހާމަކުރެއްވުމާއި ގުޅިގެން އެކަމާގުޅޭ ގޮތުން އެކި ފަރާތްތަކުން ޝުއޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޟްޙާ ޢިދާ ދިމާކޮށް އެހަފްތާގެ 3 ދުވަސް ބަންދުވާނެކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދުކުރައްވާކަމަށެވެ. މީގެ ކުރިން ޢީދުފަދަ މުނާސަބާތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ 1 ނުވަތަ 2 ދުވަސް ބަންދުކުރާކަމަށެވެ. އެހެންނަމަވެސް ރަސްމީ ދުވަސްތަކުގެ 3 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.

"މީގެކުރިން އެބަހުރި 1 ދުވަސް ނުވަތަ ދެދުވަސް ހަފްތާ ތެރެއިން ވީމަ ބަންދުކޮށްފައި. އެހެންނަމަވެސް 3 ދުވަސް ބަންދުކުރުން އަޅުގަނޑަށް ޤަބޫލުކުރެވެނީ އެއީ ޒިންމާދާރު ގޮތެއް ނޫން" ރައީސް ވިދާޅުވިއެވެ.

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދިމާވަނީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހަށެވެ. ޢީދުގެ މުނާސަބަތާ ގުޅިގެން 3 ދުވަސް ބަންދުދުވަސްތަކުގެ ގޮތުގައި ސަރުކާރުން އޮންނަނީ ހަމަޖައްސަވާފައެވެ. ޢީދު ދުވަސް ހުކުރުދުވަހަށް ދިމާވުމުން ބަންދު ވަނީ ހޮނިހިރު ދުވަސް ހިމެނޭހެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދެދުވެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު