ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަ ހިފުން މޮޅުއިތުރުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ޢަރަފާތު ދުވަހުގެ މާތްކަން"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާގެ ޙަދީޘުން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށާއި، ތަޤުވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށާއި، ހެޔޮ ޢަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ދުވަސްތަކެއް ކަމަށެވެ.
މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަސް ކަމަށާއި، އެ ދުވަހު ޢަރަފާތުގެ ބިމަށް ޖަމާވެފައިވާ ޙައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތްﷲ ފުއްސަވައިދެއްވާ ކަމަށާއި، އެއީ ފާފަފުއްސެވުމާއި ޢަފޫކުރެއްވުމާއި، ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމުގައިވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މި މައްސަރުގެ ތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟްޙާ ޢީދު ދުވަސް ކަމަށެވެ. އަޟްހާ ޢީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށާއި، އުޟުޙިޔާ ކަތިލުމުގެ ދުވަސް ކަމަށެވެ. އަދި އެއީ ކީރިތި ނަބިއްޔާ އެކަމަށް ބާރުއަޅުއްވައި އެކަލޭގެފާނު ޢަމަލީ ގޮތުން އެކަން ކުރައްވައި ނަމޫނާ ދައްކަވާފައިވާ ކަމެއް ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
"އުޟްޙިޔާ ކަތިލުމަކީ ޙައްޖު މަހުގެ 10 ވަނަ ދުވަހު އިރު އެރީއްސުރެ 13 ވަނަ ދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެން ގެރި ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފި ﷲގެ މަގުގައި ޤުރުބާން ކުރުން. އުޟުޙިޔާ ކަތިލުމަކީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއް. ގިނަގުނަ ދަރުމައާއި ސަވާބު ހުރި ކަމެއް"، ޚުޠުބާގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން