Saturday, October 31
ޖަލު ބަންދު ފިޔަވައި އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ކަރެކްޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށްޓަކައި ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" އާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.

މި ފަހުމްނާމާގެ ދަށުން، އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީން ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރު ކުރާ ޙާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، މުޖުތަމަޢަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި، ގުޅުންހުރި އެންޖީއޯތަކުންނާއި އެހެނިހެން ދާއިރާތަކުން މަޢުލޫމާތު ހޯދައި އެމްސީއެސްއާ ހިއްސާކުރުމާއި، އެފަދަ ޚިދުމަތްތައް ހަމަޖެއްސުމުގައި އެމްސީއެސްއަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު