Saturday, October 31
އެންމެ ގިނައިން ރިޕޯޓް ކުރަމުން ދަނީ ކޮވިޑާއި އިންފުލުއެންޒާގެ ކޭސްތައް: އެޗްޕީއޭ

މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފުލުއެންޒާއި ކޯވިޑް19ގެ ކޭސްތައްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކުރެއްވީ މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓްކޮށްފައިވާ އާންމު ބަލިތަކުގެ ތަފާސްހިސާބުތަކުގައެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން 43,882 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވާ 36,047 ކޭސްއާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.

އިންފްލުއެންޒާގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގައި 254 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު ރިޕޯޓްކޮށްފައިވަނީ 50 ކޭސްއެވެ. ކޯވިޑް-19 އަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 38 ކޭސް ރިޕޯޓް ކުރިއިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 37 ކޭސްއެވެ.

އެޗްޕީއޭއިން ފާހަގަކުރިގޮތުގައި، މިދިޔައަހަރާ އަޅާބަލާއިރު މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދެވެ. ނަމަވެސް، މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުން ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ހާމަކުރިގޮތުގައި، މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު