Saturday, October 31
މާވަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީ އަށް

ލ. މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިބްރާހީމް ނަޒީމެވެ.

މި މަޝްރޫޢުގެ ދަށުން 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55،500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 7،500 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުމާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި، 2،024 މީޓަރުގެ ޖިއޯބޭޖް ރިވެންޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭޖް ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށެވެ. މި މަޝްރޫޢަކީ 89.13 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމުން، ރަށްގިރުމާއި ރަށަށް އުދަ އެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު