އިންޑިއާގެ ކޮޗިންގެ އައްސޭރިފަށުން ހުޅަނގުދެކުނަށް 40 ނޯޓިކަލް މޭލު ދުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކޮންޓޭނަރ ޝިޕެއް އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ކަމަށް ކެރެލާ ސަރުކާރުން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ސަރަހައްދީ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުތަކާ (އެމްއާރުސީސީ) ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ވަރަށް ގާތުން މި މައްސަލަ ބަލަމުންދެއެވެ.
"މި ދުވަސްވަރުގެ މޫސުމާއި އަދި އިރުދެކުނަށް އޮއިވަރު ހުރުމުގެ ސަބަބުން މި ބޯޓުން ކަނޑަށް އެޅިފައިވާ ތެޔޮ އަދި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުޞަތު ކުޑަކަމުގައި ދަންނަވަން،" އެމްއެންޑީއެފްއިން ބުންޏެވެ.
ކެރެލާ ސަރުކާރުން ދީފައިވާ މަޢުލޫމާތުގައި، އަޑިއަށް ގޮސްފައިވާ ޝިޕަކީ 184 މީޓަރު (603 ފޫޓް) ދިގު އުޅަނދެއް ކަމަށާއި، އޭގައި ނުރައްކާތެރި ސާމާނު ހުރި ކަމަށް ބުނެފައިވެއެވެ. އަދި މި އުޅަނދުން ތެޔޮ ލީކްވަމުންދާ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
އެ ޝިޕްގައި ޖުމްލަ 640 ކޮންޓޭނަރު ހުރި ކަމަށާއި، އޭގެ ތެރޭގައި ނުރައްކާތެރި ކާގޯ ހުރި 13 ކޮންޓޭނަރު ހިމެނޭ ކަމަށް ކެރެލާ ސަރުކާރުން ބުނެފައިވެއެވެ. މީގެ ތެރޭގައި ފާޓިލައިޒަރ އާއި ސްޓީލް އުފެއްދުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ ކެލްސިއަމް ބާއިޑް ހުރި 12 ކޮންޓޭނަރު ހިމެނެއެވެ. މީގެ އިތުރުން، އުޅަނދުގައި 370 ޓަނުގެ ފިއުލް އާއި ތެޔޮ ހުރި ކަމަށްވެސް ހާމަކޮށްފައިވެއެވެ.
ކެރެލާ ސަރުކާރުން އިތުރަށް ބުނެފައިވަނީ، ތެޔޮ ލީކްވުން ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން