Saturday, October 31
ހުޅުމާލޭ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލް އިމާރާތެއް ތަރައްގީ ކުރަނީ

ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލް އިމާރާތެއް ގާއިމްކުރުމަށް ރޭވިފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ދުރުރާސްތާ ޕްލޭންގެ ދަށުން ކުރީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމަކުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރެވުނު 14 އެނދުގެ ޒަމާނީ އެމަޖެންސީ ރޫމް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ސިއްހީ ހިދުމަތް ހޮސްޕިޓަލްތަކުގައި ފުޅާކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، މި އަހަރު ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިނިވަން ދުވަހާ ދިމާކޮށް މި ޔުނިޓްގެ ހިދުމަތް ފެށުމަށް ރޭވިފައިވާ ކަމަށް ހަލީމް ހާމަކުރެއްވިއެވެ.

އަދި ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި، މިހާރު ހިދުމަތްދެމުންދާ އިމާރާތުގައި 28 އެނދުގެ ވޯޑެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ޕްލޭންކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތް ދޭ ގޮތަށް މެންޓަލް ހެލްތް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށުމަށް ރޭވިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު