Saturday, October 31
މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްފި
ދިވެހިރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް ރާއްޖޭގައި މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭން ބައިވެރިވުން އިފްތިތާޙްކޮށްފައިވަނީ އެކަމަށްޓަކާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.މިރަސްމިއްޔާތުގައި ކެބިނެޓްގެ ހުރިހާ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްފަހު 4 ޙައްޖުވެރިއަކަށްވަނީ ޕާސްޕޯޓު ހަވާލުކޮށްފައެވެ. އެގޮތުން ފުރަތަމަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދެވަނަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ތިން ވަނަ ޙާޖީ އަށް ޕާސްޕޯޓު ހަވާލުކޮށްދީފައެވެ. އަދި 4 ވަނަ ޙާޖީއަށް ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދިވެހި ރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީގެ ޗާރޖި ޑުފެއަރ ފަހަދް އަލްދައުސަރީއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ފުރަތަމަ ގްރޫޕުގެ ޙަައްޖުވެރިންނާ ބައްދަލުކުރައްވާ އަލްވަދާޢު ވިދާޅުވެފައެވެ. ފުރަތަމަ ގްރޫޕުގައި 234 ޙައްޖުވެރިން މިއަދު ވަނީ ފުރާފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ. މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެއެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ސީދާ ހޮޓަލަށް ދެވޭނެއެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުގައެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލުވެސް ކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު