Saturday, October 31
ޝަމްއާންގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 ދަޢުވާއެއް އުފުލައިފިއެވެ.

މި ދަޢުވާތައް އުފުލާފައިވަނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި ޝަމްޢާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.

މި ދަޢުވާތައް އުފުލާފައިވަނީ 11 މާރިޗު 2025 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ރޭ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް "އިމިގްރޭޝަން ޗެކް" އެއްގެ ނަމުގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ، އެތަނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 530،000 ރުފިޔާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި ޝަމްޢާންގެ އިތުރުން އިތުރު 4 މީހެއްގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ. އެގޮތުން ގ. ހެޕީސައިޑް، އިބްރާހީމް އަޙްމަދުގެ މައްޗަށް 4 ދަޢުވާއެއް އުފުލާފައިވާއިރު، ތ. ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް އެއް ދަޢުވާއެއް އުފުލާފައިވެއެވެ. މީގެ އިތުރުން ގ.ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް 2 ދަޢުވާއެއް އަދި މ. ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް 2 ދަޢުވާއެއް އުފުލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައިވެއެވެ.

މި މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބަލައި މުޙައްމަދު ޝަމްޢާން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު