ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ މިމަހުގެ 26 ގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެގޮތުން މަޝްވަރާތައްކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުންތަކެކެވެ.
މިގޮތުން އިޤްތިޞާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިންގް އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނެއެވެ. މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 29 ޖަނަވަރީ 2025 ގައި މާލޭގައެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ލިޔުން ކިޔާލުމުން