Saturday, October 31
ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރީތައް ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޒާހިދު ވިދާޅުވި ގޮތުގައި އިންތިހާބުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، "ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން" ކަމަށް ވިދާޅުވިއެވެ.

އިންތިހާބާ ގުޅިގެން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ. އިންތިހާބާ ބެހޭ މަރުކަޒުގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މިހާރު ދަރުބާރުގެ އަދި ކުރީގެ ބާޖަމާލުއްދީން ފަދަ ތަންތަން ނެތުމުން މާލޭގައި އެފަދަ ތަނެއް ހޯދުމަކީ ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިހާބު ހަރަދުކުޑަކޮށް ބޭއްވުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ. މި ކަމަށްޓަކައި އެކި ގޮތްތައް ދިރާސާކުރަމުންދާ ކަމަށާއި، ވޯޓުލުމާއި ވޯޓު ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިންތިހާބާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު