އާދިއްތަ, November 1
ސެންޓާ އެންޓަޕްރައިސަސްއިން ޞައްޙަ ނޫން އިންވޮއިސްތަކެއް ކޯޓަށް ހުށަހެޅި މައްސަލަ ފުލުހަށް
ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތުން ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކެއް ސާބިތުކުރަން ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސެންޓަ އެންޓަޕްރައިސަސް އިން ދައުވާކުރުމުން ސިވިލް ކޯޓުން ބަލާ ނިންމާފައިވާ ދެ މައްސަލައެއްގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ އިދާރާގައި އެ އޮފީހުން ވަނީ އެދިފަ އެވެ. ސެންޓާ އެންޓަޕްރައިޒަސް އަށް ބަދަލުދޭން ޖެހުނު މައްސަލައިގައި އޮޑިޓް އޮފީހުން ކުރިއަށްގެންދިޔަ އޮޑިޓަކުން ސައްހަ ނޫން ލިޔުންތަކެއް ޝަރީއަތަށް ހުށަހެޅިކަން ވަނީ ފާހަގަވެފަ އެވެ. ސެންޓަ އެންޓަޕްރައިސަސްއިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ ތިން މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ، އެންވަޔަރަންމަންޓް މިނިސްޓްރީ ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ. ސެންޓަ އެންޓަޕްރައިސަސްއިން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާ މެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅައިދޭން އެ މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި މި މުއާމަލާތްތަކުގެ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެ އޮފީހުން އެދިގެން ކޮށްފައިވާ އޮޑިޓްގެ ޕްރިމިނަރީ ރިޕޯޓްގައިވާގޮތުން ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ސައްހަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވުމުގެ އިތުރުން، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ލަފާދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު