ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ހާމަކުރި ގޮތުގައި، ބ. ދަރަވަންދޫ އާއި ބ. އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ޑީއެންއާރުން މަޢުލޫމާތު ދިން ގޮތުގައި މި ޚިދުމަތް ފެށުމުން އަތޮޅުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މީގެ ކުރިން އައިޑީ ކާޑު ހެއްދުމަށް މާލެ އަށް ދަތުރުކުރަން ޖެހުމުގެ ބަދަލުގައި، މިހާރު އަތޮޅުގެ ރައްޔިތުންނަށް އެ ޚިދުމަތް ގާތުން ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތަސައްވުރަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި ޕާސްޕޯޓްގެ ޚިދުމަތް ފެށުމެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ދަނީ ބާރު ސްޕީޑެއްގައި މަސައްކަތްކުރަމުންނެވެ.
ޑީއެންއާރުން ހާމަކުރި ގޮތުގައި މިހާރުވެސް ރާއްޖޭގެ 15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި މި ޚިދުމަތް އިތުރު ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ދިވެހިން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައި ވެސް ދިވެހި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ގޮތުން މެލޭޝިޔާގައި މިހާރު ވަނީ އެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. މެލޭޝިޔާގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒެވެ.
މި ލިޔުން ކިޔާލުމުން