އާދިއްތަ, November 1
ގައިދީންނަށް ގުރުއާން އުނގަންނައި ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ގައިދީންނަށް ކީރިތި ގުރްއާން އުނގަންނައި ދިނުމާ ގުޅޭގޮތުން ކީރިތި ގުރްއާން އާ ބެހޭ ގައުމީ މަރުކަޒާއެކު ފަހުމްނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސަލްމާން މިސްކިތުގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު އަދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން ވަނީ ސޮއިކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ގުރްއާނާ ބެހޭ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. އަދި "މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭފުޅުންނަށް ކީރިތި ގުރްއާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ރަނގަޅަށް ކީރިތި ގުރްއާން ކިޔަވަން ނޭނގޭކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން އެފަދ ފަރާތްތަކަށް ކީރިތި ގުރްއާން އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ޖަލުތަކުގައި ތިބި ފަރާތްތަކަށް ތަޖުވީދު މަގުން ރީތިކޮށް ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާއެކު، އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށްވެސް މަރުކަޒުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު