Saturday, October 31
ދުންފަތުގެ ވިޔަފާރީއަކީ މި ޤައުމުގައި އަޅުގަނޑު ތަރުހީބު ދޭނެ ވިޔަފާރިއެއް ނޫން: ރައީސް

ދުންފަތުގެ ވިޔަފާރީއަކީ މި ޤައުމުގައި އަޅުގަނޑު ތަރުހީބު ދޭނެ ވިޔަފާރީއެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިިދާޅުވީ  2007އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ މީހުނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ބިލް ތަސްދީގު ކުރެއްވުމަށް މިއަދު ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތައް ނުރުހިފައި ތިބި ނަމަވެސް، އެކަމުގައި އެމަނިކުފާނުގެ ފަރުވާލެއް ނެތް ކަމަށެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލުމަށް، މިއަދުވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތަކުން ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް، މައްސަލައެއް ނެތް އެކަމުގަ. އަޅުގަނޑު އެ ބޭފުޅުންނަށް ދަންވަނީ ހަމަ ތިބޭފުޅުންނަށް ރަނގަޅު ގޮތަކީ މިއީ އޭ. ތިޔަ ވިޔަފާރީން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރީއަކަށް ބަދަލުވެވަޑައިގަންނަވާށޭ. މި ދުންފަތުގެ ވިޔަފާރީއަކީ މި ޤައުމުގައި އަޅުގަނޑު ތަރުހީބު ދޭނެ ވިޔަފާރީއެއް ނޫން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުންފަތަކީ އޭގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ދިމާވާ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ކުރިއަށް އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތްކުރެވިގެންދާނެ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރައީސް ތަސްދީގުކުރެއްވި ޤާނޫނާއެކު ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެތި އަތުލުމުގައި ކަސްޓަމްސްއާއި ފުލުހުނަށް އިތުރަށް ފަސޭހަވެގެންދާނެ ކަަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު