މުލީ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދު ކަމުގައިވާ މުލީ އެއަރޕޯޓްގެ މަޝްރޫޢު ޙަޤީޤަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި، މުލީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި މުލީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، މުލީ އެއަރޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުން 30 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުރަމުން އައި އިންތިޒާރުގެ ނިމުމެކެވެ. މި ބައްދަލުވުމުގައި މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި މުލީ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ސްކޫލުގެ ކްލާސްރޫމްތައް އޭސީކުރުމާއި، ރިހެބިލިޓޭޝަން ޚިދުމަތް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ވަކި ރަށެއް ތަރައްޤީކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން