އާދިއްތަ, November 1
ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ރާއްޖެއާއި ތައިލެންޑާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައިފި

ރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ޞިއްޙީ ވުޒާރާއާއި، ތައިލެންޑުގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ މިހާރު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތާ ބެހޭ 78 ވަނަ ސަމިޓުގެ ތެރޭގައެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ މި ބޮޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ޖެނީވާއީވާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުން ވަނީ އެކުލަވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ހަރުދަނާކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ޚިދުމަތް ހަރުދަނާކުރުމާއި، ޞިއްޙީ ނިޒާމުގެ އިންސާނީ ވަޞީލަތް ހަރުދަނާކުރުމާއި، ޞިއްޙަތާ ބެހޭ ސިޔާސަތުތައް އެކުލަވާލުމާއި، ޞިއްޙީ ނިޒާމާ ގުޅޭ ދިރާސާތައް ކުރުމާއި، ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށް މަސައްކަތްކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން އެއްބަސްވެފައިވެއެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވިދާޅުވެފައިވަނީ ތައިލެންޑަކީ ސަރަޙައްދީ ފެންވަރުގައި ޞިއްޙީ ގޮތުން ގިނަ ކުރިއެރުން ހޯދާފައިވާ ޤައުމެއް ކަމަށާއި، ރާއްޖެ ފަދަ ޤައުމަކަށް ތައިލެންޑުން ޞިއްޙީ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ކަމަށެވެ.

"3 އަހަރުގެ މި އެމްއޯޔޫގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއަރ ވަރުގަދަކުރުމަށް," ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުތޯންގ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު