އާދިއްތަ, November 1
ހޮޓެލް ބާސެލޯ ނަސަންދުރަ ހުޅުވައިފި

މާލެ ސަރަހައްދުގެ ފުރަތަމަ 5 ތަރީގެ ހޮޓެލް ބާސެލޯ ނަސަންދުރަ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ހޮޓަލަކީ ސްޕެއިންގެ ބާސެލޯ ގްރޫޕުން 16 ބުރިއަށް ތަރައްޤީކޮށްފައިވާ، ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ހުޅުވާލެވުނު ހޮޓަލެކެވެ.

ހޮޓެލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް އް ޤައުމުތަކުގެ ސަފީރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

ވަޒީރު ތާރިޤު އިބްރާހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، "ނަސަންދުރަ ހޮޓަލަކީ މާލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނައި ތާރީޚީ ތަނެކެވެ. ބާސެލޯ ގްރޫޕުން ތަރައްޤީކޮށްފައިވާ މި ހޮޓަލަކީ އެ ތާރީޚު ދަމަހައްޓާނެ ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަމެވެ."

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ހޮޓަލަކީ މާލެ ސަރަހައްދުގައި މަތީ ފެންވަރުގެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. އަދި މިތަނުގައި ޤާއިމުކުރެވިފައިވާ ކޮންފަރެންސް ވަސީލަތްތަކުގެ ސަބަބުން މައިސް ޓުއަރިޒަމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލުގައި 136 ކޮޓަރި ހިމެނޭއިރު، އޭގެ ތެރެއިން 95 ކޮޓަރިއަކީ މޫދު ފެންނަ ކޮޓަރިތަކެކެވެ. މީގެ އިތުރުން 116 މަތީ ފަންތީގެ ސާވިސް އެޕާޓްމަންޓްވެސް މި ހޮޓަލުގައި ހިމެނެއެވެ. މިއީ ކުރީގެ ނަސަންދުރަ ޕެލެސް ހޮޓެލް ބަންދުކުރިތާ 10 އަހަރު ފަހުން ހުޅުވުނު ހޮޓަލެކެވެ.

ބާސެލޯ ގްރޫޕުގެ ފަރާތުން މި ހަފްލާގައި ވާހަކަދެއްކެވި ހޮޓެލްގެ ޖެނެރަލް މެނޭޖަރ އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވީ މި ހޮޓެލް ހުޅުވަނީ ފަޚުރުވެރިކަމާއެކު ރަނގަޅު ޚިދުމަތެއް ދިނުމުގެ އަމާޒުގައި ކަމަށެވެ. މި ހޮޓަލަކީ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ބާސެލޯ ގްރޫޕުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު