ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުން ޣައްޒާ ރައްޔިތުން ހިމާޔަތްކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މިފަހަކަށް އައިސް އިސްރާއީލުން ވަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މިގޮތުން މިދިޔަ ހަފްތާއާއި މިހަފްތާގައި ޣައްޒާއަށް ވަރަށް ގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގައި މިއަދު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، "ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް އެމީހުން ޖަވާބުދާރީ ކުރުވުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރަން" ވިދާޅުވެފައެވެ.
https://twitter.com/MMuizzu/status/1924153762157117895?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1924153762157117895%7Ctwgr%5Ebe5fb533d1d98221a16a761103e7ef3683ad7d15%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1234833%2F
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ވަނީ ޣައްޒާގައި ދޭ ހަމަލާތައް އިތުރަށް ފުޅާކުރާނެ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ހަމަނުޖެހުން އިތުރުވުން ހުއްޓުވުމަށާއި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.






