އާދިއްތަ, November 1
މަގުމައްޗަށް ސިނގިރޭޓު ފޮށިތައް އެއްލާލި މީހުން ބަންދުން ދޫކޮށްލައިފި

ބޮޑުރަސްގެފާނު މަގުން ފެނުނު 221 ކާޓަން އެމެރިކަން ލެޖެންޑް ސިނގިރޭޓާ ގުޅިގެން ހައްޔަރުކުރެވުނު ބަންގްލަދޭޝްގެ ތިން ރައްޔިތުން ކޯޓު އަމުރަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، މެއި 4 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ބޮޑުރަސްގެފާނު މަގުގައި ދުއްވަމުންދިޔަ ޕިކަޕެއް ހުއްޓުވަން އުޅުނު ވަގުތު، އެ އުޅަނދުން ތިން ކަޅު ކޮތަޅެއް މަގުމައްޗަށް އެއްލާލާފައި ބިދޭސީންތަކެއް ފިލައިގެން ގޮސްފައިވެއެވެ. ފުލުހުން އެ ކޮތަޅުތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރެކޮށްފައިވާކަމަށް ޝައްކުކުރެވޭ 221 ކާޓަން އެމެރިކަން ލެޖެންޑް ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ތިން ބަންގްލަދޭޝް ރައްޔިތުން ހައްޔަރުކުރެވުނެވެ. އެ މީހުންގެ ބަންދަށް ފުރަތަމަ ކޯޓުން ނިންމީ 10 ދުވަހެވެ. ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތިން މީހުންވެސް ޝަރުތުތަކާއެކު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ވަގަށް ނަގާފައިވާ ސިނގިރޭޓްތަކެއް ގެންގުޅުނު ކަމަށް ވީނަމަވެސް، މި މީހުން ބަންދުގައި ހުރި 10 ދުވަހުގެ ތެރޭގައި މިފަދަ ސިނގިރޭޓްތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި މި ތިން މީހުންނަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބައެއްކަންވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކޯޓުން މި ތިން މީހުން ދޫކޮށްލާފައިވަނީ އެ މީހުންގެ ޕާސްޕޯޓްތައް ހިފެހެއްޓުމަށްފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު