Saturday, November 14
މިދިޔަ މަހު ޑެންގީ ކޭސް އިތުރު ނަމަވެސް ރޯގާގެ ކޭސްތައް މަދު
މިދިޔަ މަހު އަރިދަފުސް ރޯގާގެ ކޭސްތައް މަދުނަމަވެސް، ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެޗްޕީއޭ އިން ވަނީ މިދިޔަ އޭޕްރީލްް މަހުގެ ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތު ރިޕޯޓް އާއްމުކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ މާރޗް އަދި އޭޕްރީލް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ، 55،099 ކޭހެވެ. އެއީ، މާރިޗު މަހު ރިޕޯޓުކުރި 28،560 ކޭހާއި އޭޕްރިލް މަހު 26،539 ކޭހެވެ.2024 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓް ކޮށްފައިވަނީ 23،929 އެވެ.

މިދިޔަ މާރިޗު މަހާ އަޅާބަލާއިރު، ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން، 4،123 ކޭހުން މިދިޔަ މަހުގެ ތެރޭގައި ވަނީ، 3،791 ކޭހަށް ދަށްވެފައެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނައިން ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓުކޮށްފައި ވަނީ، މާލޭ ސަރަހައްދާއި ހއ. އަތޮޅުންނާއި އއ. އަތޮޅުންނާއި އދ. އަތޮޅުންނާއި ފ. އަދި ގދ. އަތޮޅުންނެވެ.

ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ޑެންގީގެ ކޭސްތައް ވަނީ އިތުރުވެފައެވެ. ހެލްތް ޕޮރޮޓެކްޝަން އެޖޭންސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 73 މީހުންނެވެ. 2024ވަނަ އަހަރު މާރިޗު މަހު ރިޕޯޓުކޮށްފައިވަނީ 126 މީހުންނެވެ. އަދި މި މިދިޔަ އޭޕްރީލްމަހު ޑެންގީހުން ޖެހިގެން 127 މީހުން ރިޕޯޓްކޮށްފައިވާއިރު، 2024ވަނަ އަހަރުގެ އޭޕްރީލްމަހު ރިޕޯޓުކޮށްފައިވަނީ 256 މީހުންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ.
 ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

• އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން

• ޢާއްމު ސާފުތާހިރުކަމަށް ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން

• ރޯގާޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން

• ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން

• ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން. އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން.

ޑެންގީ ހުމަށް ގޭގަ ދެވޭނެ ފަރުވާ:
  •  އަރާމު ކުރުން
  • ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން
  • ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުން
  • ހުން މަޑުކުރުމަށާއި ގައިގައި ރިއްސުން ކުޑަކުރުމަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވާ އެހެން އެއްވެސް ބޭހެއް ބޭނުން ނުކުރުން
ޑެންގީ ވައިރަސް ފެތުރެނީ މަދިރީގެ ޒަރީއާއިން ކަމަށްވާތީ ވާރޭ ވެހި ފެން ހަރުލާ ގޮތައް ހުންނަ ތަންތަން ނައްތާ ލުމަކީ މުހިންމު ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު