ބަންޑާރަނައިބުގެ އޮފީހުގެ ޚިދުމަތަކީ ސިވިލް ސަރވިސްގައި ނުހިމެނޭގޮތަށް ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. މި ބިލު ފާސްވެގެން ދިޔައީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބިލު ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަނައިބުގެ މަޤާމަށް އައްޔަންކުރެވޭ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސަރވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމެވެ.
މި ބިލުގައިވާ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަލާނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލާއި، ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކެވެ. މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރެވެ.
މީގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް އެކަށީގެންވާ ސިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ބިލުގައި ހިމަނާފައިވެއެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 90 ދުވަސް ފަހުންނެވެ.
މި ލިޔުން ކިޔާލުމުން