އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ފުރަތަމަ ފަހަރަށް ހިއްސާދާރުންނަށް ފައިދާ ބެހުމަށް ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު އެސްޑީއެފްސީގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ޖަލްސާގައި ނިންމާފައިވަނީ ޖުމްލަ 2,525,923.80 ރުފިޔާ (ދެމިލިއަން ފަސްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ތޭވީސް ރުފިޔާ އަށްޑިހަ ލާރި) ހިއްސާދާރުންނަށް ބެހުމަށެވެ. މިއީ ހިއްސާއަކަށް 0.022 ރުފިޔާގެ މަގުންނެވެ. މި ނިންމުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ ވޯޓުންނެވެ.
2024 ވަނަ އަހަރަކީ އެސްޑީއެފްސީގެ ފާއިތުވި ފަސް އަހަރުގެ ތެރެއިން މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި އަހަރު ކުންފުނީގެ ހިންގުމުގެ އާމްދަނީ 61.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 308 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޑީއެފްސީގެ މާލީ ހާލަތު މިހާ ބޮޑަށް ރަނގަޅުވެފައިވަނީ ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ ހިސާބުތައް ބެލެހެއްޓުމާއި ހިންގުމުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކަމަށް ކުންފުނިން ބުނެފައިވެއެވެ.
2019 ވަނަ އަހަރު އުފެއްދުނު އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގާ ހަމައެކަނި މާލީ އިދާރާއެވެ. މި ކުންފުނިން އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
މި ލިޔުން ކިޔާލުމުން