އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްގެ އަނބިކަނބަލުން ވިދާޅުވީ ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތްކަމަށެވެ. އެކަމަނާގެ މެސެޖުގައި ވަނީ ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ. އަދި އާއިލާތަކުގެ ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ އެންމެހާ ދިވެހިންނަށް ވަނީ ފޮނުއްވާފައެވެ.
އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް.
ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، މި އުފާވެރި… pic.twitter.com/4UrJ1pH9DR
— First Lady Sajidha Mohamed (@sajidhaamohamed) May 15, 2025
ރައީސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް ފަހިކަމާއި ފާގަތިކަމަށް އެދޭކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށްކަމަށެވެ. އަދި ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އާއިލީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމުގެ މަޤްޞަދުގައެވެ.
މި ލިޔުން ކިޔާލުމުން