Wednesday, November 11
ސީޕްލޭން ދިޔަވި ހާދިސާގައި ޓީއެމްއޭގެ ކްރޫއަކަށް އަނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި މިއަދު މެންދުރު 14:25 ހާއިރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީ.އެމް.އޭ) ގެ ސީޕްލޭނެއް ޓެކްސީކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި، އެ ބޯޓުގެ ޒުވާން ކްރޫއަކަށް ވަނީ އަނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދަށް ގެއްލުންވެ ބިނދުމާ ގުޅިގެން، ބޯޓަށް ލޮނު ވަދެ އޭގެ ބައެއް އަޑިއަށް ދިޔުމުގެ ސަބަބުންނެވެ. އަނިޔާވި ކްރޫއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޓީ.އެމް.އޭއިން ބުނީ، ހާދިސާ ހިނގި ވަގުތު ސީޕްލޭނުގައި ތިބި ފަސިންޖަރުންނާއި ކްރޫން ސަލާމަތްކޮށް ބޯޓުން ބާލާފައިވާ ކަމަށާއި، ހާދިސާ ހިނގި ސަބަބު ތަޙުޤީޤުކުރަމުން ދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހާދިސާ ހިނގުމާއެކު އެ ކުންފުނީގެ އެއާޕޯޓް އިމަޖެންސީ ސާވިސަސް އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އަދި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެމް.އޭ.ސީ.އެލްއިން ބުނެފައިވެއެވެ.

މި ހާދިސާގެ ސަބަބުން ވީ.އައި.އޭގެ ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ޚިދުމަތްތައް މެދުނުކެނޑި، އާންމު ގޮތުގައި ކުރިއަށް ދާ ކަމަށް ވެސް އެމް.އޭ.ސީ.އެލްއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު