ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ގެ ލީޑަރުންގެ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ސަމިޓު ހުޅުވުމުގެ ސެޝަނަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވާފައިވާ ކަމަށެވެ.
މިއަދު ކުރިއަށްދާ ލީޑަރުންގެ ސަމިޓުގައި ރައީސް ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތައް ބަޔާންކޮށްދެއްވުމާއެކު، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް މައުލޫމާތުލިބެއެވެ.
ކޮޕް ސަމިޓުގައި ކުރިއަށްދާ މަތީ ފެންވަރުގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދަށް އައި ޔޫއެންއެފްސީސީސީގެ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލެވެ.






