ވައިގެ ދަތުރުފަތުރާ ގުޅޭ 8 ޚިދުމަތެއް، މި މަހުގެ މެދުތެރޭގައި "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް މައިންޑްކޯއިން ހާމަކޮށްފިއެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ "މޯލްޑިވްސް 2.0" ގެ ދަށުން ޤާއިމުކުރާ ޓްރޭޑިއަން ޕްލެޓްފޯމްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށް މައިންޑްކޯއިން ބުނީއެވެ. ޓްރޭޑިއަން ޤާއިމުކުރަނީ، ރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އެކްސްޕޯޓްގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު އެއް ވިއުގައަކުން ފޯރުކޮށްދިނުމަށެވެ.
ދެވަނަ ފިޔަވަހީގެ ދަށުން މި މަހު ތަޢާރަފުކުރާ ޚިދުމަތްތަކުގެ ތެރޭގައި ޝެޑިއުލްޑް ފްލައިޓްސް އޮތޮރައިޒޭޝަނާއި، އެޑް ހޮކް ޗާޓަރ ފްލައިޓްސް އޮތޮރައިޒޭޝަނާއި، ފްލައިޓް ޝެޑިއުލް ހުށަހެޅުމާއި އަދާހަމަކުރުމާއި، އެއާލައިން އެޖެންޓް ހަމަޖެއްސުމާއި، ޝެޑިއުލްޑް ފްލައިޓްސް ލައިސަންސް އާކުރުމާއި ބާޠިލުކުރުމާއި، ފްލީޓް އަދާހަމަކުރުން ހިމެނެއެވެ.
މައިންޑްކޯއިން ހާމަކުރި ގޮތުގައި، މި ޚިދުމަތްތައް ތަޢާރަފުކުރުމާއެކު، އެއާލައިންތަކަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، މިހާރު ލިޔެކިއުންތައް ހުށަހަޅާ ޗެނަލްތަކުގެ އިތުރުން ޓްރޭޑިއަން މެދުވެރިކޮށްވެސް އެޕްލިކޭޝަންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިލެކްޓްރޯނިކްކޮށް، ޝިޕިންގ އެޖެންޓުންނާއި ފްރައިޓް ފޯވާޑަރުންނަށް މަރުކަޒީ ޕްލެޓްފޯމެއް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ. ސެޕްޓެމްބަރު 2025 ގައި ކަނޑުމަގުން ކުރެވޭ އިމްޕޯޓާ ގުޅޭ ބައެއް ލިޔެކިއުންތައް ޓްރޭޑިއަން މެދުވެރިކޮށް ހުށަހަޅަން ފެށުމަށްފަހު، ޖޫން 2026 ގައި ރާއްޖެއަށް ކަނޑުމަގުން އަންނަ ބޯޓުފަހަރުތަކުގެ ޑިކްލަރޭޝަނާއި ގުޅުންހުރި ހުއްދަތައް ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ހުށަހެޅުމަށް ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން، ޖޫން އިން އޮކްޓޫބަރު 2026 އާ ދެމެދު ޖުމްލަ 16 ޔޫޒަރ އެކްސެޕްޓެންސް ޓެސްޓިންގ ސެޝަނެއް ބާއްވާފައިވާއިރު، އެ ސެޝަންތަކުގައި 243 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ވައިގެ ދަތުރުފަތުރާ ގުޅޭ ޚިދުމަތްތަކުގެ އިތުރުން، މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމާއި އިތުރު ރެގިއުލޭޓަރީ ހުއްދަތައް ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރުން ވެސް ދެވަނަ ފިޔަވަހީގައި ހިމެނޭ ކަމަށާއި، އެ ޚިދުމަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ތަޢާރަފުކުރުމުގެ ތައްޔާރީތައް ދަނީ ކުރެވެމުން ކަމަށް މައިންޑްކޯއިން ބުނެފައިވެއެވެ.






