އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައި މިހާތަނަށް 7.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިދިކޮޅުން އަބަދުވެސް ސަރުކާރުން ދޮޅު އަހަރުތެރޭގަައި ހޯދާފައިވާ ކާމިޔާބާއި ގުޅޭގޮތުން ސުވާލު އުފައްދާ ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، އެމްޑީޕީގެ ސަބަބުން ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްވުންކަމަށެވެ. ހާއްސަކޮށް ގައުމު އިތުރަށް ދަރަނިވެރި ނުކޮށް، ކާމިޔާބީއާއި ހަމައަށް ވާސިލުވުންކަމަށެވެ. އަދި އެކަން އެގޮތުގައި ކުރެވިފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުމަށް ކުރެވުނު އެކި މަސައްކަތްތަކުގެ ތެރެއިން ސައީދު ފާހަގަކުރެއްވީ ބަންކަރިންގެ ހިދުމަތެވެ.
ބަންކަރިންގެ ހިދުމަތަށް ފެށިތާ ފަސް މަސް ދުވަސްވީއިރު، މިހާތަނަށް ލިބިފައި ވަނީ ރަނގަޅު އާމްދަނީއެއް ކަމަށެވެ. އެގޮތުން ދިވެހި ފައިސާއިން ބަލާއިރު ލިބިފައިވާ 114 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުޑަ އަދަދެއް ނޫންކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން ލިބިފައިވާ 7.4 މިލިއަން ރުފިޔާގެ 95 އިންސައްތަ ހިއްސާ ކުރަނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ކަމަށެވެ.
''ފަސް މަހާއި ދުވަސްކޮޅެއް މިވީ އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ. ނުވަތަ ލޯ ސަލްފަރ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް. މީގެ ކުރިން ދުވަހަކުވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ 95 އިންސައްތައަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ'' މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން