ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ސްޓޯރީ ފޮޓޯ ވޯކް" ގެ ނަމުގައި ފޮޓޯ މައުރަޒެއް މިއަދު ހަވީރު ހުޅުމާލޭ ފިތުރޯނު ޕާކުގައި ހުޅުވައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޒް މަންސޫރުގެ އިތުރުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، މިއަދު ފާހަގަކުރާ މަންޒަރުތަކަކީ ވަރަށް ގިނަ ވާހަކަތަކާއި ތާރީޚުތައް ހިމެނޭ، އަދި ވަރަށް ބޮޑު ބޭނުންތެރިކަމެއް އެކުލެވިގެންވާ މަންޒަރުތަކެއް ކަމަށެވެ.
"މި މަންޒަރުތަކުން އަޅުގަނޑުމެންނަށް އެބަ ބުނެދޭ ހަގީގަތުގައި ދިވެހީންގެ ފަހުގެ ތާރީޚުގައި ދިރިއުޅުމުގެ ވަރަށް ބޮޑު ވާހަކައެއް. ކުރީގައި ދިވެހީންގެ ދިރިއުޅުން ވަރަށް ގަދީމީ ހިސާބަށް ގެންގޮސްފިއްޔާ މި އޮންނަނީ ވަކިވަކި ރަށްރަށުގައި އެ ރަށެއްގައި ތިބޭ އެއް ވަންހައެއް ނުވަތަ ދެ ވަންހައެއް، ގިނަވެގެން ދެތިން ވަންހައެއްގެ މައްޗަށް އާންމުކޮށް ރަށެއްގެ މުޖުތަމައު އެކުލެވިފައި," އާދަމް ނަސީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ކުރިއަށްދާ ތަރައްގީއަކީ ބިޔަ އިގްތިސާދީ އެތައް މަގުސަދުތަކަކާ ގުޅިފައިވާ ތަފާތު ތަރައްގީއެކެވެ. އަދި ދިވެހީންގެ ގަދީމީ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ ތަފާތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މި ބަދަލުތަކާއެކު ވެސް އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ދިވެހީންގެ އާދަތައް ދަމަހައްޓަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން