Saturday, October 31
މަތިވެރީގައި އެއާޕޯޓެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި

އއ. މަތިވެރީގައި ދާޚިލީ އުދުހުންތަކަށް ޚާއްޞަ އެއާޕޯޓެއް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާނު ކޮށްފިއެވެ. މި އިޢުލާނު އާންމުކޮށްފައި ވަނީ ސަރުކާރުގެ ގެޒެޓުގައެވެ.

މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (ޝައުޤުވެރިކަން ފާޅުކުރާކަން އަންގާ ލިޔުން) ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒު 1 އޭޕްރީލް 2025 ގައި ނެރުއްވި ރިޔާސީ ޤަރާރުގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގުމަށް ކަނޑައަޅާފައިވާ ޤައުމީ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ނިންމަވާފައިވާ މަޝްރޫޢެއްކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން މަޝްރޫޢު ހިންގުމަށް ކުރިމަތިލާ ފަރާތްތަކަށް އެއާޕޯޓު ބިނާކޮށް ހިންގުމަށް ހިނގާ ޚަރަދު ހަމަޖެއްސޭނެ ވިޔަފާރިތައް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސިންގ ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްއަށް ނުވަތަ ލޯނު ހޯދައިގެން މަޝްރޫޢު ހިންގާ މޮޑެލްއަށްވެސް މި މަޝްރޫޢު ހިންގުމަށް ހުށަހެޅިދާނެއެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި ޓާމްސް އޮފް ރެފަރެންސް ނުވަތަ މަޝްރޫޢަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މަޝްރޫޢުގެ ތަފްޞީލުތައް މިހާރު ޝާއިޢުކޮށްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން މިނިސްޓްރީގެ އެޑްރެހަށް ނުވަތަ އީމެއިލަށް ފޮނުވިދާނެއެވެ. އަދި މި ލިޔުން ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ ޖޫން މަހުގެ 15 ވަނަ ދުވަހަށް ވާ އާދީއްތަ ދުވަސްކަން މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު