ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މިދިޔަ އޭޕްރީލް މަހު 50.2 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު 14,024 މީހަކަށް މާލީ އިނާޔަތުގެ ގޮތުގައި 50.2 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު ޖުމްލަ 14,188 މީހުން ހިމެނޭއިރު، މީގެ ތެރޭގައި 18 އަހަރުން ދަށުގެ 4,700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 103 މީހަކު ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011 ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު، 2023 ވަނަ އަހަރު ވަނީ މި އެލަވަންސް 3,000 ރުފިޔާއަށް އިތުރުކޮށްފައެވެ.
ސަރުކާރުން މިހާރު ދަނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ. މި ދަފްތަރުގެ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައެއް ކަންބޮޑުވުންތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މޭ މައްސަލަތަކާއި، ތަޢުލީމީ ފުރުސަތުތައް މަދުވުން ހިމެނެއެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުން އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން