އާދިއްތަ, November 1
ޑިޖިޓަލް އައިޑީ ބިލު ޑްރާފްޓުކޮށް ޖުލައި މަހު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެ

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ނިންމާ، އަންނަ ޖުލައި މަހުގެތެރޭ އެ ބިލު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް ވަހީދު މިހެން ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ފޯރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމޭޑް) ޕްރޮޖެކްޓާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ޑރ. ވަހީދު ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގައި ހިމެނޭ 4 ވަނަ ޕިލާގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ބިލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ނިންމާފަ މިވަނީ މިއަންނަ ޖުލައި މަހުގެ ތެރޭގައި މި ބިލުގެ ޑްރާފްޓުގެ މަސައްކަތް ނިމި، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް." ޑރ. ވަހީދު ވިދާޅުވިއެވެ.

މި ބިލު ޑްރާފްޓުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާވެސް ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. މި މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ، ވީހާވެސް ގިނަ މީހުން ބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލުތައް ޑްރާފްޓްކުރުމެވެ.

ޑިޖިޓަލް އައިޑެންޓިޓީ ބިލުގެ އިތުރުން، މި ޕްރޮޖެކްޓްގެ ދަށުން "ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި "ސައިބާ ސެކުއިރިޓީ ބިލް" ޑްރާފްޓްކޮށް އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށްވެސް ޑރ. ވަހީދު ހާމަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު