Monday, November 2
މާދަމާގެ މަޖިލިސް ޖަލްސާއަށް ވަޒީރު މާރިޔާ ހާޒިރު ކުރަނީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހާޒިރުކުރުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ. މި ޖަލްސާގައި ވަޒީރާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ ތެރޭގައި، އޮޅުހިޔާ ހުޅުވުމަށްފަހު ވެސް މިހާތަނަށް އެއްވެސް ބުޅަލަކަށް ހިޔާވަހިކަން ދީފައިނުވާ ސަބަބާއި، އެތަން ހުޅުވުނުއިރު މުވައްޒަފުންނާއި ސާމާނު ފުރިހަމަވެފައިވޭތޯ އާއި، މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދިއުމުގެ މަސައްކަތް ނިންމާނެ މުއްދަތު ހިމެނެއެވެ.

އެހެންނަމަވެސް، މި ސުވާލުތައް ކުރިމަތިކުރެވޭއިރު، އޮޅުހިޔާގައި މިހާރު 30 ބުޅާ ބަލަހައްޓަމުންދާ ކަމަށް އެ ވުޒާރާއިން މީގެ އެއް މަސް ކުރިން ވަނީ ހާމަކޮށްފައެވެ.

"އޮޅުހިޔާ" އަކީ މި ސަރުކާރުގެ އިސްނެގުމުގެ ދަށުން، މާލޭގެ މަގުތަކުގައި އިތުރުވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޒަމާނީ ފެންވަރުގައި ތަރައްގީކޮށްފައިވާ މަރުކަޒެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓް ކެއަރގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ފެށިގެން އައި މަޝްރޫއެއް ކަމަށާއި، އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަޝްރޫއު ކުރިއަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސަރުކާރުން މި މަޝްރޫއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރޭތަކެތި ބެލެހެއްޓުމަށް ވަކި ވުޒާރާއެއް ގާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު