އާދިއްތަ, November 1
ޝަމްއާނާމެދު ތަފާތު ގޮތަކަށް އަމަލުކުރާކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި

ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލާގައި ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރަމުންދާކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ.

މިއަދު ހަވީރު ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) އަބްދުﷲ ޝަރީފު ވިދާޅުވީ، ޝަމްއާން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބަލައި، އޭނާ ހައްޔަރުކުރަންޖެހޭކަމަށް ތަހުގީގަށް ފެނުމުން ކަމަށެވެ.

"ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުން އެހިސާބުން ޝަމްއާން ހައްޔަރުކުރީ،" ޑީސީޕީ ޝަރީފު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ޝަމްއާން ހައްޔަރުކޮށްފައިވަނީ އެ މައްސަލާގައި ތުހުމަތުވާ އިމިގްރޭޝަނުގެ އެހެނިހެން މުވައްޒަފުން ހައްޔަރުކުރި ފަހުން ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ މައްސަލައާއި ޝަމްއާނުގެ މައްސަލާގައި ފުލުހުން އަމަލުކުރާ ގޮތުގައި ތަފާތުތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ކޮންމެ މައްސަލައެއްގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައެއްގައި ހެކި ގަރީނާ ލިބޭ މިންވަރަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ފަޒުލްގެ މައްސަލާގައިވެސް އަމަލުކުރަމުންދަނީ އެ މައްސަލައާ ގުޅިގެން ލިބިފައިވާ ހެކި ގަރީނާއަށް ބަލައިގެން ކަމަށާއި، ޝަމްއާނާމެދު އަމަލުކުރަމުންދާ ގޮތްވެސް ބަރޯސާވަނީ ހެކި ލިބޭ މިންވަރުގެ މައްޗަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު