Monday, November 2
އިމިގްރޭޝަން މައްސަލައިގަ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދުރާލާ ރާވައިގެންކަމަށް ފުލުހުން ބުނެފި

ޤާނޫނާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީ ލޯންޑަރިންގ ކުރި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތަޙްޤީޤު ކުރެވުނު މި މައްސަލައިގައި ހައްޔަރުކުރެވުނީ 34 އަހަރުގެ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހު، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ފުލުހުންގެ ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި، ޝަހާދަތު ހުސެއިންގެ ނަމުގައި ހަދާފައިވާ ބޭންކު އެކައުންޓުތަކުގައި އެތައް މިލިއަން ރުފިޔާއެއް ދައުރުވެފައިވެއެވެ. އޭނާގެ އެކައުންޓުތަކުގައި 8 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ހާމަވެފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަޒްމަތު ޢަބްދުﷲ ވިދާޅުވި ގޮތުގައި، ޝަހާދަތު ހުސެއިންގެ ފޯނާއި ލެޕްޓޮޕުން ކުންފުނިތަކުގެ ލޯގޯއާއި ރެޖިސްޓްރީ، ބިދޭސީންގެ ޕާސްޕޯޓު އަދި ބައެއް ދިވެހިންގެ އީފާސް އައިޑީތައް ފެނިފައިވެއެވެ. މީގެ އިތުރުން، އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ ނަމުގައި ސަތޭކަ އަށްވުރެ ގިނަ އެކައުންޓުގެ އައިޑީ އަދި ޕާސްވޯޑު ވެސް ފެނިފައިވެއެވެ.

ފުލުހުންގެ ތަހުޤީޤަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލައިގައި އިމިގްރޭޝަންގެ މުވައްޒަފުންނާއި އާންމު ދިވެހިން ވެސް ބައިވެރިވެފައިވާ ކަމަށް ބެލެވެއެވެ. މި ފަރާތްތައް ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާ ނުދީ މާލެ ތެރެއަށް ދޫކޮށްލައި، މާލީ މަންފާ ހޯދާ ކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ދިވެހިންނާއި އިމިގްރޭޝަން މުވައްޒަފުން ޝާމިލުވާ ކަމަށް ބެލެވޭތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު