ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފިކަމަށްް ފުލުހުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ހުށަހެޅީ އިއްޔެ ކަމަށާއި، މިހާރު މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ. އަދި މައްސަލައާމެދު ގޮތެއް ނިންމުމަށް 15 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހު މާލޭގެ މާފަންނު ސަރަހައްދުގެ ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނަކީ ގަވާއިދާއި އުސޫލުތަކާ ޚިލތަކާ ޚިލާފަށް ހިންގި އޮޕަރޭޝަނެއް ކަމަށާއި، މިކަން ކުރީ ޝަމްޢާންގެ އެނގުމާއެކު ކަމަށް ތަޙްޤީޤަށް އެނގިފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ވިދާޅުވެފައިވަނީ، އެރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން "އަރޖެންޓް" ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އަދި އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އޭނާގެ އަތުން އިމިގްރޭޝަންގެ އެހެން އޮފިސަރަކު ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ އިތުރުން އިމިގްރޭޝަންގެ އިތުރު 4 އޮފިސަރުން ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން