Wednesday, November 11
ޖެނެރޭޝަނަލް ބޭން ގެނައުމަށް ގާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި
"ޖެނަރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެގޮތަށް މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބަދުލްޣަފޫރު މޫސާއެވެ.

2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅީ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އެވެ.

މި ބިލު ދިރާސާކޮށްފައިވަނީ އެކަމަށް ނެގުނު ވަގުތީ ކޮމިޓީއަކުންނެވެ.

ވަގުތީ ކޮމިޓީން މި ބިލަށް މާބޮޑު ބަދަލެއް ގެނެސްފައިނުވާއިރު، ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒު ކުރެވޭނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު 27، 2025ގައެވެ. ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު