Saturday, October 31
ރޯސްވުޑް މޯލްޑިވްސް އިން 1.4 މިލިއަން ގަސް އިންދަނީ

އަލަށް ތަރައްޤީކުރަމުންދާ ރަންފަރު ރޯސްވުޑް މޯލްޑިވްސް ރިސޯޓުގެ ފަރާތުން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ބައިވެރިވެ 1.4 މިލިއަން ގަސްއިންދަން ވައުދުވެއްޖެއެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ ޚަރަދުކުޑަ ހައްލުތައް ބޭނުންކުރުމަށް ވެސް ވަނީ އިޤްރާރުވެފައިވެއެވެ.

މިނިސްޓަރ އެ ރިސޯޓަށް ވަޑައިގެން ރޯސްވުޑް ރަންފަރު ރިސޯޓުގައި ބޭއްވުނު ޚާއްޞަ ރަމްޒީ ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތެވެ. އަދި ރިސޯޓުގެ ފަރާތުން 1.4 މިލިއަން ގަސް އިންދުމަށް ވަޢުދުވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޤައުމީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި މިހާރު 5.2 މިލިއަން ގަހުގެ ވަޢުދު ލިބިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5.2 މިލިއަނަށްވުރެ ގިނަ ގަސް އިންދުމަށް އެކި ފަރާތްތަކުން އިޤްރާރުވެފައިވާ ކަމަށާއި، 500,000 އަށްވުރެ ގިނަ ގަސް މިހާރު ވަނީ އިންދާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިޤް ރޯސްވުޑް ރަންފަރު ރިސޯޓުގައި ބޭއްވުނު ޚާއްޞަ ރަމްޒީ ގަސް އިންދުމުގެ ރަސްމިއްޔާތު ފޮޓޯ: މިނިސްޓްރީ

ރޯޒްވުޑް މޯލްޑިވްސްއިން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވެފައިވާ އިޤްރާރަށްޓަކައި އެ ރިސޯޓުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި ޓޫރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްރީލަންކާ ސަރުކާރުގެ އެހީގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އޯކް ގަހެއް ހަދިޔާކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ، " ރޯސްވުޑް މޯލްޑިވްސްއިން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ބައިވެރިވުމަށާއި، އިއާދަކުރަނިވި ހަކަތައާއި ހަކަތަ ޚަރަދު ކުޑަކުރުމުގެ ހައްލުތައް ބޭނުންކުރުމަށް ދައްކާފައިވާ އިޚްލާޞްތެރިކަން ފެނުމަކީ ވަރަށް އުފާވެރި ކަމެކެވެ. އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން އަދާކުރާ ދައުރު ވަރަށް މުހިންމެވެ. މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެންމެހާ ބައިވެރިންނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދުކުރަމެވެ." މީގެ އިތުރުން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށް ޓޫރިޒަމް ދާއިރާގެ އެހީތެރިކަން ވަރަށް މުހިންމު ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރިސޯޓު ހުޅުވުމުން ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ލިބޭނެ ކަމަށާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ޝައުޤުވެރިވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު