Saturday, October 31
ފަސް އަހަރުތެރޭ މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރަނީ

މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ މި ފަސް އަހަރު ތެރޭ މާތްﷲގެ އިރާދަފުޅާއެކު ހައްލުކުރައްވާނެކަމަށާއި، އެކަމަށްޓަކައި މިހާރުވެސް މުޅިން އަލަށް ތިން އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައްޔިތުން ސީދާ ވަޒީރުންނާ ސުވާލުކުރާ ސިލްސިލާ ފޯރަމް "އަހާ"ގެ ފަސްވަނަ ފޯރަމުގައި ބެލުންތެރިޔަކު އައިސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމު ވިދާޅުވީ ނިމުނު ސަރުކާރުން ފެނަކައާ ހަވާލުކުރި 17 އައިސް ޕްލާންޓުތަކުގެ ތެރެއިން ވަރަށް ގިނަ ޕްލާންޓުތައް މަސައްކަތްނުކުރާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އައިސް ޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ބަދަލުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ އެ ކުންފުންޏަކީ އައިސް ޕްލާންޓުތައް ބެލެހެއްޓުމާއި އޮޕަރޭޓުކުރުމުގެ ތަޖުރިބާ ހުރި އަދި އެ މަސައްކަތުގެ ތަމްރީނު ލިބިފައިވާ މުވައްޒަަފުންވެސް ތިބި ކުންފުނި ކަމަށެވެ. އަދި އެ އައިސް ޕްލާންޓުތައް މިފްކޯގެ ދަށަށް ގެނައުމަށްފަހު އަލުން އޮޕަރޭޝަނަލް ކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރަންޖެހުނުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަރަށް ގިނަ އައިސް ޕްލާންޓުތައް މަސައްކަތްވެސް ނުކުރޭ. އެހެންވީމާ އަޅުގަނޑުމެން މިޖެހުނީ ވަރަށް ގިނަ އައިސް ޕްލާންޓުތައް އޮޕަރޭޝަނަށް ގެނައުމަށް މިނިސްޓްރީގެ ބަޖެޓުންވެސް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަން. އެކަންކަން އަޅުގަނޑުމެންވާނީ ކޮށްފަ. މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި އެ ތިން އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މަހުގެ ތާޒާކަން ކަށަވަރުކުރުމަށް އައިސްގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދޯނިތަކުގައި އާރްއެސްޑަބްލި ނިޒާމު، ނުވަތަ ލޮނުފެން ގަނޑުކޮށްގެން އައިސްގެ ގޮތުގައި ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކިގެން މިނިސްޓްރީން އެކަމަށް ބާރުއަޅަމުންދާ ކަމަށެވެ. އައިސް ޕްލާންޓުތައް ހުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަމަށްވާތީ އައިސް ނުލިބެގެން އެއް ޕްލާންޓުން އަނެއް ޕްލާންޓަށް ދަތުރުކުރަންޖެހިގެން ހޭދަކުރަންޖެހޭ ބޮޑު ހަރަދު މި ނިޒާމު ގާއިމުކުރުމުން ސަލާމަތްވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އައިހަށް މިޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް ނިމުމަކަށް ގެންނާނަން. މި އަހަރު އެކަނި ތިން އައިސް ޕްލާންޓުގެ މަސައްކަތް އަލަށް ފަށައިގެން ކުރިއަށް އެބަގެންދަމު. އަދި ހަމައާއެކު އިތުރު ފަސް ޕްލާންޓެއްގެ މަސައްކަތްކުރުމަށް ޓެންޑާކުރެވި ބީލަންތައް ބަލައިގަނެ ބީލަން އިވެލުއޭޓުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު