ކުރީ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް އެތަކެތި ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އަސްލު މަސްތުވާތަކެތި ސަޕްލައިކޮށްދޭ މީހާ އަތުލައިނުގަނެވޭ ކަމަށާއި މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ނުލިބޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުމަށް," ވަޒީރު ވިދާޅުވިއެވެ.
މި ގޮތުން ފުވައްމުލަކުގައި ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އެއީ މަގުމަތީ އަގުން 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަތޮޅުތެރެއަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން 9000 އަށްވުރެ ގިނަ ރާ ފުޅި އަތުލައިގަނެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓާފައިވާ ކަމަށާއި، ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން