ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްސަލަގައި ހެއްކާ ގަރީނާ ލިބޭ ވަރަކުން އަަޅަންޖެހޭ ފިޔަވަޅުތައް އަަޅަމުންދާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ފަސް ވަނަ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލުގައި ޔުމްނުގެ ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރު ނުކުރީ ކީއްވެގެންތޯ އުފައްދާފައިވާ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ފުލުހުން އެންމެ ފުރަތަމަ އަމަލުކުރީ ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ ރިޕޯޓް ލިބިގެން އެކަމަށް ކަމަށާއި ޔުމްނުއަށް އެންމެ ފުރަތަމަ ދޭންޖެހޭ މެޑިކަލް އަޅާލުން ދިން ކަމަށެވެ.
"ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރީ. ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބޭ ހެކިތަކުގެ މައްޗަށް ބަލާފައި ކުރިއަށްދާ ތަހުގީގެއް. އަޅުގަނޑުމެންގެ ހިތު ލަފަޔަށް، ހީކުރާ ގޮތަށް އަދި އުންމީދު ކުރާ ގޮތަށް ކުރާ ކަންކަމެއް ނޫން އެއީ. ތަހުގީގު ކުރިއަށްދާއިރު ހެއްކާއި ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުންދާނަން،" އިހުސާން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށް އޭޕްރިލް 25 ވަނަ ދުވަހު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައިވަނީ 5 ދުވަހެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން 10 ދުވަސް ޖެހިއިރު، މެއި 10 ގައި އޭނާގެ ބަންދަށް އިތުރު 5 ފަސް ދުވަސް ވަނީ ޖަހައިފައެވެ.
މި މައްސަލައާ ގުޅިގެން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ރައުދުއާ ސުވާލު ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ ގަރާރަކުން އުފެއްދި ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާއާ ސުވާލު ކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން