އޯލެވެލް ނިންމުމަށްފަހު އޭލެވެލް ފުރިހަމަކުރާ ދަރިވަރުންގެ ނިސްބަތް 35 އިންސައްތަ އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ" ގެ ފަސްވަނަ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެ އުމްރާނީ ގޮތުންނާއި ފިކުރީ ގޮތުން ތަރައްޤީކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޑރ. ޝަފީއު އިތުރަށް ވިދާޅުވި ގޮތުގައި، ފިކުރީ ތަރައްޤީއަށްޓަކައި ތަޢުލީމުގެ ފެންވަރު ރަނގަޅުކުރެއްވުމާއެކު، ދަރިވަރުންނަށް ވީހާވެސް ފަހި ފުރުސަތުތަކެއް ހޯދައިދެއްވުމަކީ ރައީސް ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެކެވެ. މި ގޮތުން، ފާއިތުވި ދޮޅު އަހަރު ތެރޭގައި އޯލެވެލް ނިންމުމަށްފަހު މަގުމަތިވާ ދަރިވަރުން މަދުކޮށް، އޭލެވެލް މަރުޙަލާގައި ކިޔަވާ ދަރިވަރުން އިތުރުކުރުމުގެ މަސައްކަތް ކުރެވި، ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މާލޭ ސަރަޙައްދުގައި 76 އިންސައްތަ ދަރިވަރުންނަށް މިހާރު އޭލެވެލް ފުރުސަތު ލިބޭ މިންވަރަށް އެ ފުރުސަތު ފުޅާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ސްކޫލުތަކާއި އަމިއްލަ ސްކޫލުތައް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ ނިސްބަތް 35 އިންސައްތައިން އިތުރުކުރެވިފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން