Monday, November 2
ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ތަޙުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ. މީގެއިތުރުން، ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރު ޝާހިދު ވިދާޅުވެފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއަތުތައް ރަނގަޅަށް ފުރިހަމަކޮށްގެން ކަމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ވޯޓަކަށް އަހާފައެއް ނުވެއެވެ.

އިއްޔެގެ ބައްދަލުވުމުގައި ފަނޑިޔާރުންނާއި ޖޭއެސްސީ ކޮމިޓީއަށް ހާޒިރުކުރުމަށް މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުން ފާހެއްނުވިއެވެ.

މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަޙުޤީޤެއް ކުރިއަށް ގެންދަމުންނެވެ. އޭސީސީގެ ތަޙުޤީޤާ ގުޅިގެން، ދެ ފަނޑިޔާރުން ވަނީ ކުރިން ސަސްޕެންޑް ކުރެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު