Thursday, November 12
ފަނޑިޔާރުންގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދުއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު ސިއްރުކުރުމަށް ފާސްކުރިއެވެ. ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންނަކީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަޒު ރިޔާޒު، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުއެވެ. އެ މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން ގޮތް ނިންމުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައިފަ އެވެ. ކޮމިޓީ ސިއްރު ކުރަން ހުށަހަޅައި، އެކަމަށް ވޯޓަށް އެހުމުން ކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބައްދަލުވުން ބޮއިކޮޓް ކުރައްވައި، އެ ތަނުން ނުކުމެވަޑައިގެންފަ އެވެ. އެ މެންބަރުން ވިދާޅުވީ ސިއްރުން ކުރިއަށްދާ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު