ރ.ވަންދޫގައި ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް ހަދަން މިއަދު ހަވާލުކޮށްފި އެވެ.
ދިހަ މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކި 18.5 މިލިއަން ރުފިޔާއެވެ.
މިއަދު ސޮއިކުރެވުނު ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ ފުރިހަމަ ކުރެވުމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ތިމާވެއްޓާ ރައްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން މި ފެސިލިޓީގައި ރައްކާކުރެވޭނެއެވެ. މިގޮތުން މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތައް، އީ-ވޭސްޓް، ފަތުރުވެރިކަން އަދި އިމާރާއްކުރުން ފަދަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުނި އަދި ކެމިކަލްތައް ތިމާވެއްޓާއި ރައްޓެހި އުސޫލުން ރައްކާކުރުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މައުލޫމާތުދެއެވެ.

2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށާފައެވެ. މިމަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި ކުންޔާއި ކެމިކަލް މެނޭޖުރުމަށް ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ނިޒާމެގެ ތެރެއިން ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނި ރައްކާކުރުމަށް މަރުކަޒެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ.
ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ވަސީލަތްތައް ގާއިމުކުރެވިފައިނުވާތީ، ނުރައްކާތެރި ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މިކަމަށް ހައްލުހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާއިން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން